
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ތަކުން ވަކިވާ މުވައްޒަފުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނިކުމެ ރާއްޖޭގެ އިޤްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޤްތިސޯދަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކުންފުނިތަކުުގެ ހަރަދު ކުޑަކޮށް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އާމްދަނީ ހޭދޭނެ އިތުރު ގޮތްތައް ފަހިކޮށްދީ އިކޮނޮމީގައި ބައިވެރިވެވޭނެ ގޮތަށް، ޚާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250މިލިއަން ރިލީޒްކުރެވިދާނެ ކަމަށާއި، އެގޮތުން މިވަގުތު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރުމުގެ ކަންކަން ރޭވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އަދިވެސް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަޝަވަރާކުރައްވަމުން ގެންދަވާކަމަށް ވެސް މާލީ ވަޒީރު ވިދާޅުވިއެވެ.
“މިހާލަތާއެކުވެސް ރައީސްގެ ޕޮލިސީ އަކީ އިގްތިސޯދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް ކުރިއަށްގެންދެވެން.” ވަޒީރު މޫސާ ޒަމީރު ވިދާޅިވިއެވެ.
މީގެ އިތުރަށް ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެތެރޭ އިތުރަށް 450 މިލިއަނެއްހާ ފައިސާ ވެސް ހަމަޖެހިގެންދާނެ ކަމަށާއި، އެފައިސާއިން އެސް.އެމް.އީގެ ގޮތުގައި އިކޮނޮމީގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުންފުނިތަކުުގެ ހަރަދު ކުޑަކުރަން ޑައުންސައިޒް ކުރާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް އާއި ލޯނު ދޫކޮށްގެން ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދީ، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކޮށް ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަކީ ރައީސުލްޖުމްޙޫރިއްޔާ އިސްކަންދެއްވާ ކަމެއް ކަަމަށެވެ.

