
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް އޮނިގަނޑަށް ގެނައުމުގެ ބިލު ރައީސް ތަސްދީގުކޮށްފިއެވެ.
އެލްޖީއޭގެ ހުރިގާ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 59މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ބިލު މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާ ކަމަށެވެ. އަދި އެ އިސްލާހު ގެޒެޓްކޮށް މިއަދު ވަނީ އަމަލުވެސްކުރަން ފަށައިފައެވެ.
އެ އިސްލާހުތަކުގެ ދަށުން އެލްޖީއޭގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގައްޔާއި، މުވައްޒަފުންނާ ގުޅޭ އެނޫންވެސް ކަންކަމުގައި، ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެކަމަށް އިޞްލާޙުގައިވެއެވެ.
މި ގާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 30ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި، ފާސްކުރުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ކޮމިޝަނުން 15ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް، އަދި އެ ތާރީހުން ފެށިގެން 30ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަން ޖެހޭނެއެވެ.

