
އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން އަތޮޅުތަކުގައި ގާއިމުކުރާ އިދާރާތަކަށް ސިޔާސީ އެއްވެސް މަގާމެއް އުފައްދަވައި، ބޭފުޅުން އައްޔަން ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކުރީގެ ނިޒާމުގައި އޮންނަ ފަދައިން އަތޮޅު އޮފީސްތައް އަލުން އުފައްދަވައި، އަތޮޅުވެރިންގެ ނަމުގައި ބަޔަކަށް މަގާމުދެއްވަން އުޅުއްވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެމަނިކުފާނު ސާފުކޮށްދެއްވި ގޮތުގައި މާޒީވެދިޔަ ޒަމާނުގައި އޮތް އަތޮޅުވެރިކަމުގެ ނިޒާމު އަނބުރާ ގެނައުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގެ ނެތެވެ.
އަލަށް އުފެދިގެންދާ އޮފީސްތަކަށް ކިޔާނެ ނަމަކާ ގުޅޭގޮތުން އެލްޖީއޭއިން ހުށަހެޅި ގޮތްތަކުގެ ތެރެއިން “އެލްޖީއޭގެ އަތޮޅު އޮފީސް” ކިޔުމަށް ލަފާދެއްވީ ކަމަށާއި، އެތަންތަނުގެ އެންމެހައި ކަންކަން ބަލަހައްޓާނީ ސީދާ އެ އޮތޯރިޓީންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސެއް ހުންނަ ފަދައިން، އަތޮޅު އޮފީހަށް ގަވަރުނަރެއް ނުވަތަ އަތޮޅުވެރިއެއް ލުމަކީ އެއްވެސް ތަފާތެއް ނެތް ކަމަކަށް ވާތީ، އެފަދަ ސިޔާސީ ވެރިން އެތަންތަނަށް ނުލައްވާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ފަހުން ގެނެވުނު ބަދަލާ އެކު އަތޮޅު ކައުންސިލްތައް އުވިގެން ދިޔަ ނަމަވެސް، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާއާއި މުސާރައަށް އުނިކަމެއް ނާންނާނެހެން އެލްޖީއޭގެ ގޮފިތަކެއްގެ ގޮތުގައި އެތަންތަން ހިންގުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ކުރީގެ ކައުންސިލް އިމާރާތްތައް ބޭނުންކުރާނީ އެލްޖީއޭގެ މަސްއޫލިއްޔަތުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށެވެ.
އެލްޖީއޭއިން މައުލޫމާތުދޭ ގޮތުގައި މި ގޮފިތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީނުތައް ގާތުން ފޯރުކޮށްދިނުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކާއި އެލްޖީއޭއާ ދެމެދު އޮންނަ ގުޅުން ހަރުދަނާވެ، ގާނޫނީ ވާޖިބުތައް އަދާކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ގަބޫލުކުރެއެވެ.

