
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅެއްގެ ގޮތުން އެ ތަންތަނުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ހަނިކުރުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
މީސްމީޑިއާ މެދުވެރިކޮށް އެފްޑީސީން އާންމުކުރި މައުލޫމާތު ބުނީ، މި މަޝްރޫޢުގެ ދަށުން ފުލެޓުތަކުގެ ކުޑަދޮރުތަކުގައި ޚާއްސަ ސްޓޮޕަރެއް ދަނީ ހަރުކުރަމުންނެވެ. އެ ކޯޕަރޭޝަނުން ޔަގީންކަން ދީފައިވާ ގޮތުގައި، ދޮރު ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަކުރި ނަމަވެސް، ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކަށް ގުދުރަތީ ވައި ދައުރުވުމުގެ އެއްވެސް ހުރަހެއް އަދި ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ.
މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައި މި ވަނީ، ހުޅުމާލޭގެ އުސް އިމާރާތްތަކުން ކުދިން ވެއްޓުމުގެ ނުރައްކާތެރި ދެ ހާދިސާއެއް މިދިޔަ ހަފުތާގެ ތެރޭގައި ހިނގާފައި ވަނިކޮށެވެ. އޭގެ ތެރޭގައި، ސްޓެލްކޯ ޓަވަރުން ވެއްޓުނު ދެ އަހަރުގެ ތުއްތު ކުއްޖަކު ނިޔާވުމާއި، “އަމާން އުދަރެސް” ފުލެޓަކުން ފަނަރަ އަހަރުން މަތީގެ ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާ ހިމެނެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައި ވަނީ، “އަމާން އުދަރެސް” އަދި “އަމާން ދޯދި” ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ، ޚާއްސަކޮށް ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ފަރާތްތައް ދިރިއުޅޭ އެޕާޓްމަންޓުތައް ފާހަގަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އެޗްޑީސީގެ ފަރާތުން ވެސް އަންނަނީ ހުޅުމާލޭގެ ޓަވަރުތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގައި ރައްކާތެރިކަމުގެ ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދަމުންނެވެ.

