
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޕަރޭޝަންތައް ފުޅާވެ، ފާއިތުވި 2025ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް އެއް ބިލިއަނާ ގާތްކޮށްފިއެވެ.
އޮޑިޓަރު ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މާލީ ރިޕޯޓުން ދައްކާގޮތުގައި 2024ވަނަ އަހަރު 860.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، 2025ވަނަ އަހަރު އެމް.ޕީ.އެލް ގްރޫޕުގެ ޖުމްލަ އާމްދަނީ ވަނީ 949.9 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާގެ ގާތްވުމެކެވެ.
އާމްދަނީ އިތުރުވުމާ އެކު ކުންފުނީގެ ސާފު ފައިދާ ވަނީ 2024ވަނަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑުވެފައެވެ. އެގޮތުން 2024ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 27.8 މިލިއަން ރުފިޔާ ލިބުނުއިރު، 2025ވަނަ އަހަރު ގްރޫޕުގެ ސާފު ފައިދާ ވަނީ 59.9 މިލިއަން ރުފިޔާއަށް އަރާފައެވެ. ހަމައެކަނި މައި ކުންފުންޏަށް ބަލާއިރު ފައިދާގެ ގޮތުގައި 71.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ކުންފުނިން ދަނީ ޚަރަދުތައް ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މުވައްޒަފުންނަށް ކުރާ ޚަރަދު ވަނީ 2024ވަނަ އަހަރުގެ 675.7 މިލިއަން ރުފިޔާއިން 2025ވަނަ އަހަރު 645.8 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
އާމްދަނީ ލިބުނު މައިގަނޑު ދާއިރާތައް
މުދާ ބޯޓަށް ބަރުކުރުން: 314.9 މިލިއަން ރުފިޔާ
ބޯޓުން މުދާ ހުސްކުރުން: 276.6 މިލިއަން ރުފިޔާ
ބޯޓުފަހަރު އައުމާއި ޕައިލެޓް ކުރުމުގެ ޚިދުމަތް: 138.2 މިލިއަން ރުފިޔާ
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެމްޕީއެލް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް)އަށް ދިން ޚިދުމަތްތަކުންނެވެ. އެއީ 162.3 މިލިއަން ރުފިޔާއެވެ.

