
އެމްޓީސީސީ ހިޔާ ޓަވަރުތައް އަޅަން ބިމެއް ހޯދުމަށް އެޗްޑީސީއާ މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަޑް) އަހުމަދު ސައުދީއާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރާއި އެ ކުންފުނީގެ ބައެއް އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އެމްޓީސީސީން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެ ކަން ކުންފުނީގެ ބޯޑުން ގަބޫލުކޮށް، މި ކަމަކީ ކުންފުނީގެ މުވައްޒަފުންގެ ހެވާއި ލާބައަށް ޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބޯޑުން ދެކޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއަކުން އެދިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް އިޖާބަ ދެއްވައި، ބިމެއް ހަމަޖައްސަން އެޗްޑީސީގައި ދެންނެވި ކަމަށް އެމްޓީސީސީން ބުންޏެވެ.
“ރެޔާއި ދުވާލު ދާ އޮހޮރުވައިގެން އެ މުވައްޒަފުން އެ ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ އެމްޓީސީސީގެ މިއަދުގެ މެނޭޖްމަންޓްގެ އަމާޒެވެ. އެހެންކަމުން މިއީ ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަކަށް އެދިގެން ތިބެ، އަހަރުތަކެއް ވަންދެން މާޔޫސްވެފައިވާ މުވައްޒަފުންނަށް ލިބޭނެ ވަރަށް ވެސް އުފާވެރި ހަބަރެއްގެ ގޮތުގައި މި ކުންފުނިން ދެކެމެވެ” އެމްޓީސީސީގެ ބަޔާނުގައިވެއެވެ.
ބިން ހަމަޖެހުމާ އެކު ވީހާ ވެސް އަވަހަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަކީ ކުންފުނީގެ އަމާޒު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

