
އިދިކޮޅު އެމްޑީޕީން ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި، ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އިންތިހާއަށް އުފުލެމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ވިޔަފާރިވެރިންގެ ބަހާ އެކު، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ސާބިތުކޮށްދެއްވައިފިއެވެ.
މީސްމީޑިއާގައި ވަޒީރު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ދިވެހި އިގުތިސާދާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނަގައިލުމަށްޓަކައި ކުރީގެ ވެރިން އިސްވެ ތިއްބަވައިގެން ހިންގާ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލަން ޖެހޭކަމަށެވެ. އަދި މިއަދު ގައުމުގެ މާލީ ހާލަތު މިފަދަ ނާޒުކު ފައްތަރަކަށް ވެއްޓުމުގެ މައިގަނޑު އަސްލަކީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެއްވެސް ހިފެހެއްޓުމެއްނެތި ދައުލަތުގެ ފައިސާ ޗާޕުކުރުންކަން ފާހަގަކުރައްވައި، އޭރުގެ ވެރިން އެކަމަށް ޒިންމާދާރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ވިޔަފާރިވެރިންނާ ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރައި، މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން އުޅުމަކީ ބުއްދި ގަބޫލުކުރާކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ބޮޑެތި ކުންފުނިތަކުން މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އެމްއެޗްއޭގެ އެޗްއާރު އެންޑް އެޑްމިން މެނޭޖަރު އާލިމް އާދަމްއާ ހަވާލާދެއްވައި، ނެސްލޭ ކުންފުންޏާ އެކު އޮންނަ ބަދަހި ގުޅުމުގެ ތެރެއިން ލެކްޓޯޖެން ފަދަ ތުއްތުކުދިންގެ ކާނާގެ އަގުތަކަށް ބަދަލެއް ނުގެނެސް ހިފެހެއްޓިފައިވާކަން ވަނީ ހާމަކުރައްވާފައެވެ.
ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި، ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލަން MDP ގެ އިސްފަރާތްތަކުން، ޚާއްޞަކޮށް ރާއްޖޭގައި ކުރީން ވެރިކަންކޮށްފައިވާ ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ.
MDPއަށް ލިބުނު ފުރުސަތުގައި މިއިން… pic.twitter.com/en9gUq09Wj— Mohamed Saeed (@em_saeed) August 4, 2026
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2019އިން 2023އަށް އުފުލެމުން ދިޔަ އަގުތައް ކޮންޓްރޯލްކޮށް، ފައިސާ ޗާޕުކުރުމުގެ ސަބަބުން އުފެދުނު ޑޮލަރުގެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން 1.2 ބިލިއަން ރުފިޔާގެ ލޯނު އަދާކުރުމާއި، ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކުރުމަށް ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނެވުނު މުހިންމު އިސްލާހުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާ އެކު ވެސް، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި އަސާސީ ކާބޯތަކެތީގެ އަގުތައް މާބޮޑަށް ވެސް ހިފެހެއްޓިފައިވާކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އަދި މިއީ ވިޔަފާރިވެރިންނާއި ސަރުކާރު ގުޅިގެން ކުރަމުންދާ ކާމިޔާބު މަސައްކަތެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

