
އެމްޑީޕީގެ ދާއިމީ ޗެއާޕާސަން އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ފަސްކުރަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ހުށަޙަޅުއްވައިފިއެވެ.
އެމްޑީޕީގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 12 އަށެވެ.
ނަމަވެސް ޣަފޫރު މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބާއްވަން ފައިސާއެއް ނެތް ކަމަށެވެ.
އަދި އިންތިހާބު މި ދަނޑިވަޅު ބާއްވައިފިނަމަ މަސްލަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުމަށް ވެސް ހުރަސް އެެޅިގެންދާނެކަން ވެސް ޣަފޫރުގެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އިންތިހާބު ނުބޭއްވި ނަމަވެސް އޭނާ ނުހިމަނޭ ގޮތަށް އެމްޑީޕީން ފާސްކޮށްގެން ޕާޓީ ހިންގުން ވަގުތީ ބަޔަކާ ހަވާލުކުރަން ވެސް އޭނާ ހުށަހެޅުއްވިއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ވަރަށް ބޮޑަށް ހޫނުވެފައިވާ އިރު މި ފަހުން ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ވެސް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅިއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވާހަކަ ދައްކަން ފުރުސަތު ނުދިން ކަމަށް ބުނެއެވެ.
ނަމަވެސް ފަހުން ޣަފޫރު ވަކިކުރުމުގެ މައްސަލަ ނެގިއެވެ.

