
އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިޢުލާނުކުރައްވައިފިއެވެ.
ޝާހިދު މިކަން ހާމަކުރެއްވީ އޭނާގެ ކެމްޕޭން ފެށުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ. ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި އަދި ގަބޫލުކުރައްވާ ހަމައެއް ނޫންކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގެ ހަމަހަމަކަން ކަށަވަރުކުރުމަށްޓަކައި މަގާމުން ދުރަށް ވަޑައިގަތީ ކަމަށެވެ. މީގެ އިތުރުން، އެމްޑީޕީގެ އެތެރޭގައި އޮތް އެކި ފިކުރުތައް އެއްގަލަކަށް އަރުވައި، އެންމެން ގޮވައިގެން އެއް އަމާޒަކަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މިހާރު އޮތް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ޝާހިދު ވަނީ ގައުމު އޮތް ހާލަތު ދެނެގަނެ، ރަނގަޅު މިސްރާބަށް ކަންކަން ގެންދެވޭނީ ތަޖުރިބާކާރު އަދި ގާބިލު ޓީމަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް އައިސްފައިވާ އުމްރާނީ އަދި އިޖުތިމާއީ ބޮޑެތި ކުރިއެރުންތަކުގެ މޭސްތިރިއަކީ އެމްޑީޕީކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި އާންމު މެމްބަރުންނާ އެކު ކޮންމެފަދަ ގުރުބާނީއެއް ވެވަޑައިގަތުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދުގެ ކެންޑިޑެސީ އިޢުލާނުކުރުމަށް ބޭއްވި މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އަރިސް އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ކަމަށްވާ ރީކޯ މޫސާ މަނިކާއި، ޙުސައިން ޝަހީމް (އަނދުން ޙުސައިން) އާއި، ޙިސާން ޙުސައިންގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ފާހަގަކޮށްލެވެއެވެ.
ޝާހިދުގެ އިތުރުން، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް ވެސް ވަނީ އެ މަގާމުން އިސްތިއުފާދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ރަސްމީކޮށް އިޢުލާނުކުރައްވާފައެވެ. މި ދެ ބޭފުޅުންގެ އިތުރުން، ކުރީގެ ރައީސް ޞާލިޙު ވެސް ޕްރައިމަރީގައި ވާދަކުރާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަން މި ވަނީ ވަރަށް ހޫނުވެފައެވެ.

