
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ވަކި ޚާއްޞަ ފަރުދެއްގެ ނުފޫޒުގެ ދަށުގައި އޮވެ، ހަމައެކަނި އެ މީހެއްގެ ފަހަތުން އެނބުރޭ ޕާޓީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކެނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ކެންޕެއިނަށް “އިތުބާރު”ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ގދ. ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުން އިތުބާރުކުރާ ޕާޓީއަކަށް ހަދަންޖެހޭ ކަމަށާއި ޕާޓީ މުއައްސަސާއެއް ގޮތުގައި ހަރުދަނާ އުސޫލެއްގެ ދަށުން ހިންގޭނެ މަގުތައް ފަހިކުރަންޖެހޭ ކަމަށެވެ.
“އެމްޑީޕީއަކީ ވަކި މީހެއްގެ ވަށާ އެނބުރޭ ޕާޓީއެއްގެ ގޮތުގައި ނޯވެ، މުޅި ރާއްޖެ ދަންނަ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނާނެ ތަނެއްކަން ކަށަވަރުކޮށްދޭންޖެހޭ.” މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު މި ހިނގާ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ޕާޓީއަކީ ހަމައެކަނި އެމްޑީޕީ ކަމަށާއި 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، އެމްޑީޕީން ކާމިޔާބު ކުރުމަށް ހަރުދަނާ ސިޔާސަތަކާ އެކު، ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.
ފަހަކަށް އައިސް އެމްޑީޕީއަށް ކުރިމަތިވި ސިޔާސީ ނާކާމިޔާބީތަކާ ގުޅިގެން ޕާޓީގެ އިސް ސަފުގައި ގިނަ ބަހުސްތަކެއް ކުރެވެމުންދާ މި ދަނޑިވަޅުގައި، ޕާޓީގެ މުސްތަޤުބަލާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. މިގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ، ހަމައެކަނި ތިމާގެ ވަށައިގެން ތިބޭ މަދު ބަޔަކު ގޮވައިގެން ނުކުމެ ސިޔާސީ ބޮޑެތި އިންތިޚާބުތައް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވައި، ޕާޓީގެ ވިސްނުން ފުޅާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.

