
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ މާލޭގެ ރައްޔިތުންނާ މެދު އެއްވެސް އިރެއްގައި ހެޔޮނިޔަތެއް ގެންގުޅެފައިވާ ބައެއް ނޫންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން، އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އައިފާން ފާހަގަކުރެއްވީ، އެ ޕާޓީން އަބަދުވެސް މަސައްކަތްކުރީ މާލޭގެ ރައްޔިތުންނަށް އޮޅުވާލައި، ހުވަފެންތަކެއް ދެއްކުމަށް ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތައް ދީފައިވަނީ ކަނޑުގެ 10 މީޓަރު އަޑިންކަން އޭނާ ހަނދާންކޮށްދެއްވިއެވެ. އަދި އެއީ މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ޖެއްސި ވަރަށް ބޮޑު މުސީބާތެއްކަމަށް ސިފަކުރައްވައި، މާލޭގެ ރައްޔިތުންގެ އަގުވައްޓާލުމަށް މަޖިލީހުގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދެއްވާނެކަމުގެ ޔަޤީންކަން މެމްބަރު ދެއްވިއެވެ.
މީގެ އިތުރުން، އައިފާން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ޙަޤީޤީ ތަޞައްވުރު ޢަމަލީގޮތުން ފުރިހަމަކޮށްދެއްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށެވެ. އެގޮތުން، ތިންބުރީގެ އިމާރާތަކާ އެއްވަރަށް ބިންހިއްކައި، ގުޅީފަޅާއި ގިރާވަރުފަޅުން ހަގީގީ ގޯތި ރައްޔިތުންނަށް ކަށަވަރުކޮށްދިނީ މި ވެރިކަމުގައިކަން އޭނާ ތަކުރާރުކުރެއްވިއެވެ.
އައިފާން މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. ރާއްޖޭގެ ވެރިރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، މިހާރުގެ ސަރުކާރުން އަންނަނީ “ރަސްމާލެ”ގެ ނަމުގައި ބިޔަ މަޝްރޫޢެއް ވެސް ހިންގަމުންނެވެ.

