
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ބ. އަތޮޅުގެ ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އަލަށް ގާއިމުކޮށްފައި ވަނީ އެ އަތޮޅު އޭދަފުށި، ތުޅާދޫ، ކެންދޫ އަދި ގޮއިދޫގައެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ. އަދި ރައީސް ދާދިފަހުން އިފްތިތާޙުކުރެއްވި ‘ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ 2026-2030’ގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިނޭންސް ކުރުމަކީ މި ސިޔާސަތުގެ މައިގަނޑު އެއް ތަނބުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑިޖިޓަލް މާލީ ޚިދުމަތްތައް ކުރިއެރުވުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމާއި، ކަސްޓަމަރުންގެ ޙާލަތު ރަނގަޅުކުރުމުގެ އިތުރުން ފައިނޭންޝަލް ލިޓަރަސީ (މާލީ ހޭލުންތެރިކަން) އިތުރުކުރުމަކީ ވެސް މި ސްޓްރެޓެޖީގެ މުހިންމު ބައިތަކެއްކަމަށް ވިދާޅުވިއެވެ.
އެ ސްޓްރެޓެޖީ އެކުލަވާލުމަށް ހެދި ދިރާސާތަކުން ދައްކާގޮތުގައި، ރާއްޖޭގެ އަންހެނުންގެ 14 އިންސައްތަ އަދި ފިރިހެނުންގެ 5 އިންސައްތަ މީހުންނަކީ ބޭންކިންގ ނިޒާމުގެ ބޭރުގައި ތިބި ފަރާތްތަކެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އިންޓަނެޓް ބޭންކިންގ ބޭނުންކުރަނީ އެންމެ 38 އިންސައްތަ މީހުންކަން ފާހަގަކުރައްވައި، މާލީ ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އެމްއައިބީ ފަދަ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ބ. އަތޮޅަކީ ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވެއް އޮންނަ، ފަތުރުވެރިކަމަށް މަޝްހޫރު އަތޮޅަކަށް ވުމާ އެކު، އަލަށް ހުޅުވުނު އޭޓީއެމްތަކުގެ ސަބަބުން ލޯކަލް ޓޫރިޒަމްގެ ވިޔަފާރިތަކަށާއި ރަށްރަށުގެ އިޤުތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް އެމްއައިބީ ފަދަ މާލީ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

