
ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން ތަކުރާރުކޮށް ޕެޓިޝަންތައް ހުށަހެޅުމަށް ހުރަސްއެޅޭ ގޮތަށް އޮންނަ މާއްދާ އުނިކޮށް، ސަރުކާރުގެ ބިމާބެހޭ ސިޔާސަތަށް ތާއީދުކޮށް ހުށަހަޅާ ޕެޓިޝަނަކަށް މަގުފަހިކުރުމުގެ ގޮތުން މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބަދަލު ގެނައުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އޭނާ ހުށަހެޅުއްވި އިސްލާހަކީ މަޖިލީހުގެ ގަވާއިދުގެ 257-1ވަނަ މާއްދާގެ (ޅ) ބާތިލުކުރުމަށެވެ. އެ މާއްދާގައި ކުރިން ބަޔާންކޮށްފައި އޮންނަނީ، މަޖިލީހުގައި ހިނގަމުންދާ ޕެޓިޝަނެއްގައި އެދިފައިވާ ކަމަކަށް އަލުން އެހެން ޕެޓިޝަނެއް މެދުވެރިކޮށް ނޭދެވޭނެ ކަމަށެވެ. ނަމަވެސް، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މި މާއްދާ އުނިކުރުމަށް ތާއީދުކޮށް ފާސްކޮށްފައެވެ.
މިފަދަ އިސްލާހެއް ގެނެސްފައި މި ވަނީ، ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހަކާ ދެކޮޅަށް ހަދާފައިވާ ޕެޓިޝަނެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ކައުންސިލްތަކުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިންތައް، ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރަށް ނެގޭގޮތަށް އޮންނަ އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަންގައި، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ ވަރަށް މިހާރު ވަނީ ސޮއި ހަމަކޮށްފައެވެ. އަދި ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެ ޕެޓިޝަން އެޖެންޑާކުރުމަށް ޕެޓިޝަން ކޮމިޓީން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް، ގާނޫނަށް ގެންނަ އެ ބަދަލަކީ ތަރައްގީއަށް މުހިންމު ބަދަލެއްކަމަށް ބުނެ، އެ އިސްލާހަށް ތާއީދުކޮށް އެހެން ޕެޓިޝަނެއްގައި ވެސް ބަޔަކު އަންނަނީ ސޮއިކުރަމުންނެވެ. ގަވާއިދު ކުރިން އޮތްގޮތުން ނަމަ، އެއް މައްސަލައަކާ ގުޅޭ ދެވަނަ ޕެޓިޝަނެއް ހުށަހެޅުމުގެ ދޮރު އޮތީ ބަންދުވެފައެވެ. އެހެންނަމަވެސް، މަމްދޫހުގެ ހުށަހެޅުއްވުމާ އެއްގޮތަށް ގަވާއިދުން އެ މާއްދާ އުނިކުރުމާއެކު، އެއް ކަމަކާ ގުޅޭގޮތުން ތަފާތު ޕެޓިޝަންތައް މަޖިލީހަށް ބަލައިގަތުމުގެ ފުރުސަތު މިހާރު ފަހިވެގެންދާނެއެވެ.

