
ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ފިލިޕީންސްގެ ކުއެޒޯން ސިޓީގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ ގައުމީ އިންސާނީ ހައްގުތަކާ ބެހޭ މި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ގާބިލުކަން އިތުރުކުރުންކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
މި އެމްއޯޔޫގެގެ ދަށުން ގުޅިގެން ހިންގާ ތަމްރީނުތަކާއި، ދިރާސާ ދަތުރުތައް ކުރުމާއި އަދި މައުލޫމާތު ހިއްސާކުރުމުގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް އެކުލަވާލާނެއެވެ.
އެޗްއާރުސީއެމްގެ ރައީސް ޑރ. އައިޝަތު ރަމީލާ ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ޒަރީއާއިން ދެ ގައުމުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށް، ޢަމަލީ މަސައްކަތްތަކެއް ކޮށްގެންނެވެ.
އެމްއޯޔޫގައި ސޮއިކުރި ހަފްލާގައި އެޗްއާރުސީއެމް ގެ ނައިބު ރައީސް މުހައްމަދު ޝަފީގު މަހުމޫދު ވަނީ އެ ކޮމިޝަނުގެ މެންޑޭޓާއި، ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި އިސްނެގުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެއިތުރުން، ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްގެ ފަރާތުންވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅިއެވެ.

