
ސިނަމާލެ ބުރިޖު، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް 20 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ 2026 ސެޕްޓެމްބަރު 13ވަނަ ދުވަހުގެ ރޭ 19:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޖުމުލަ 3 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއެވެ. މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ޒުވާނާގެ ގޮހޮރާއި ލިވާ ފަޅައިގެން ގޮސް، ސީރިއަސް ސާޖަރީއެއް މިއަދު ކުރުމަށް ހަމަޖެހިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

