
އޮސްޓްރިއާގެ ސޯލްޒްބާގް ސިޓީގައި މިއަދު ހެނދުނުގެ ވަގުތެއްގައި ދުއްވާފައި ދިޔަ ކާރެއް ރޭލަކާ މުޑިއަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އިނގިރޭސި ކްލަބް އާސެނަލްގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އެލެކްސް މެނިންގާ ނިޔާވެއްޖެއެވެ.
ސޯލްޒްބާގްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:20ހާއިރު އެ ސަހަރުގައި އޮންނަ ލެވެލް ކްރޮސިންއެއްގައެވެ. ރޭލު އަންނަ ވަގުތުތަކުގައި އާންމުކޮށް ބަންދުކުރާ މި ހުރަސްމަގުން ކާރުގައި ދަނިކޮށް ހިނގި މި އެކްސިޑެންޓުވީއިރު އުޅަނދުގައި މެނިންގާ ފިޔަވައި އިތުރު މީހަކު ނެތެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެ ސަރަހައްދަށް ވަގުތުން ދިޔަ ސިއްހީ އެހީތެރިން ޑެފިބްރިލޭޓަރު ބޭނުންކޮށްގެން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މެނިންގާ ނިޔާވިއިރު އުމުރަކީ 48 އަހަރެވެ.
މެނިންގާގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ 1997ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރަށް އާސެނަލްގައި ހޭދަކުރި ދުވަސްވަރުގައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 64މެޗު ކުޅެދީ، އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
Everyone at Arsenal is shocked and deeply saddened by the tragic passing of former goalkeeper, Alex Manninger.
All our thoughts are with his family and loved ones at this incredibly sad time.
Rest in peace, Alex ❤️ pic.twitter.com/b4i7jjjLQl
— Arsenal (@Arsenal) April 16, 2026
ކްލަބް ފެންވަރުގެ އިތުރުން މެނިންގާ ވަނީ އޮސްޓްރިއާގެ ގައުމީ ޓީމަށް 33މެޗު ކުޅެދީ، 2008ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި އެ ގައުމު ތަމްސީލުކޮށްފައެވެ. އޭނާގެ ކުއްލި މަރާ ގުޅިގެން އޮސްޓްރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރު ވިދާޅުވީ، މެނިންގާ އަކީ އެ ގައުމުގެ ފުޓުބޯޅައިގެ ސަފީރެއް ކަމަށާއި، ކުޅިވަރަށް އޭނާ ކޮށްދިން އަގުހުރި ޚިދުމަތްތައް ތާރީޚުން ފޮހެވިގެން ނުދާނެ ކަމަށެވެ.

