
މި މަހު 9ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ދެ އުޅަނދެއްޖެހި ހިނގި އެކްސިޑެންޓުގައި ފިލައިގެންދިޔަ އުޅަނދު އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގެންނެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ވީމާ، މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

