
2026 ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށް ފަހު ފިލައިގެންދިޔަ ދޯނި ހޯދައި، ފިޔަވަޅުއަޅައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން، 2026 އޯގަސްޓް 22ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު މި ދޯނި ވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައި ކަމަށާއި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށް ފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ ކެޕްޓަންގެ ލައިސަންސް ވެސް ހިފަހައްޓާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

