
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިތުރަށް ފުޅާކުރުމަށް 150 މިލިއަން ރުފިޔާގެ ތަފާތު މަޝްރޫޢުތަކެއް ފަށައިފިއެވެ.
ޕީއެސްއެމްގެ “ދުވެލި” ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން އޭއީއެޗްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދަނީ ޕްރައިވެޓް ކޮޓަރީގެ ޚިދުމަތަށެވެ. މި ބޭނުން ފުއްދުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަޝްރޫޢެއްގެ ތެރެއިން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތިން ބުރީގެ އާ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ޑިޒައިން އެންޑް ބިލްޑް މޮޑެލްއަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 10 ޕްރައިވެޓް ކޮޓަރި ތައްޔާރުކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އިމާރާތް އެޅުމަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެކަމަށް ޑރ. އަދީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ހޮސްޕިޓަލްގައި މިހާރު ހުރި މަތީ ފަންތީގެ އެގްޒެކެޓިވް ކޮޓަރިތަކުގެ ފެންވަރު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށް 20 މިލިއަން ރުފިޔާގެ މަޝްރޫޢެއް ވަނީ ފަރުމާކޮށްފައެވެ. އޭގެ އިތުރުން، ރާއްޖޭގެ ދެކުނަކީ ފީނާ މީހުން ގިނައިން ޒިޔާރަތްކުރާ މުހިންމު ސަރަޙައްދަކަށްވުމާ އެކު، ޑީކޯވާ މީހުންނަށް އަވަސް ފަރުވާ ދިނުމަށް ބޭނުންވާ ހައިޕަރބެރިކް ޗެމްބަރެއް ބެހެއްޓުމުގެ މަސައްކަތް ވެސް ހަލުވިކަމާ އެކު އަންނަނީ ކުރަމުންނެވެ.
ހަމައެއާ އެކު، ތެރަޕިއުޓިކް ފަރުވާތައް އިތުރަށް ފުޅާކުރުމަށާއި، މި އައު ޚިދުމަތްތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް އެ ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ އެންމެން ކުއްލި ޙާލަތްތަކުގައި ބަރޯސާވާ އެންމެ ބޮޑު މަރުކަޒަކީ އޭއީއެޗް ކަމަށްވާއިރު، މި މަޝްރޫޢުތައް ނިމުމުން، ބޭސްފަރުވާއަށް މާލެއަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވެ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ބޮޑު ނިމުމެއް އަންނާނެ ކަމަށް އެ ހޮސްޕިޓަލުން ގަބޫލުކުރެއެވެ.

