
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ އަދި ހަންޓާ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި، އެ ބަލިތައް ފެނިފައިވާ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތައް ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ސްކްރީންކުރުމުގެ މަސައްކަތް މިއަދު ފަށައިފިކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބަލިމަޑުކަން ރާއްޖެއާ ހަމައަށް ފޯރުމުގެ ފުރުސަތު ހަނި ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ތިބީ ފުރިހަމަ ސަމާލުކަމެއްގެ ތެރޭގައި ކަމަށެވެ. އަދި މީގެކުރިން ވެސް ބައިނަލްއަގުވާމީ ސިއްހީ ކާރިސާތަކުގައި ދިވެހިރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ދެ ވައިރަހަކީ ވެސް ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް ހުރި ނުރައްކަލެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ކަނޑައަޅާފައެވެ. މިގޮތުން، އެބޯލާ ބަލިމަޑުކަން އެފްރިކާގެ ޔޫގެންޑާ އަދި ކޮންގޯގައި ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ހަންޓާ ވައިރަސް ފެނިފައި ވަނީ ދެކުނު އެމެރިކާގައި ދަތުރުކުރި ކްރޫޒް ލައިނާއަކުންނެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދަނީ ހާލަތު ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ. އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި، މި ބަލިތައް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވައިރަސް ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުފަތުރު ނުކުރުމަށް އާންމު ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

