
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މައި އޮފީސް ބިނާކުރުމަށް، ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ތޭރަހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއް އެ އިދާރާއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
މާލީ ވުޒާރާއާއި އެންޑީއެމްއޭއާ ދެމެދު މިކަމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސައިދިން 13،574 އަކަފޫޓުގެ މި ބިމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކާރިސާތަކަށް އިޖާބަދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ދެއްވި ބިމެކެވެ. މިއާ އެކު، 2018ވަނަ އަހަރުން ފެށިގެން ދާއިމީ އިމާރާތެއް ނެތި އެ އިދާރާއިން ކުރަމުން އައި މަސައްކަތްތަކަށް ނިމުމެއް އަންނާނެއެވެ.
މި އައު ބިމާ އެކު، އެންޑީއެމްއޭގެ އޮޕަރޭޝަންތަކަށް ބޮޑު އިންގިލާބެއް އަންނާނެކަމަށް ބެލެވެއެވެ. އެގޮތުން، އެ އޮތޯރިޓީގެ މައި އިދާރާގެ އިތުރުން، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް (އީއޯސީ) ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކާރިސާތަކުގައި ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާ އެކު ގުދަންކުރާނެ ޖާގަޔަކާއި، ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ހާއްސަ މަރުކަޒެއް ވެސް މި ތަނުގައި ތަރައްގީކުރެވޭނެއެވެ. މީގެ ކުރިން، މާލޭގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި، މީހުންނަށް ވަގުތީ ހިޔާވަހިކަން ދެމުން އައީ އާންމުގޮތެއްގައި ސްކޫލްތައް ބޭނުންކޮށްގެންނެވެ.
2004ވަނަ އަހަރުގެ ބޮޑު ސުނާމީއާ ގުޅިގެން ވުޖޫދަށް އައި މި މުއައްސަސާ އެންމެ ފުރަތަމަ ހިންގަން ފެށީ އިސްކަންދަރު ސްކޫލުގައެވެ. އޭގެފަހުން، ސޯޝަލް ސެންޓަރާއި، ދަރުބާރުގޭގެ އިތުރުން މިހާރު ސިވިލް ސަރވިސް ކޮމިޝަން ހިންގާ އިމާރާތުގައި ވެސް އެންޑީއެމްއޭގެ މަސައްކަތްތައް ވަގުތީގޮތުން ކޮށްފައިވެއެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާފައި ވަނީ ދަރުބާރުގޭގައެވެ. މިހާރު އެ އިދާރާ ހިންގަމުން އަންނަނީ ގ. ރިހިޖެހިކޮށީގައި ހުރި ވަރަށް ކުޑަ ޖާގައެއްގައެވެ.
ދާއިމީ ބިމެއް ލިބުމަކީ އެ އޮތޯރިޓީގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުންކަމުގައި އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިފާއީ ވަޒީރު ދެއްވި އިރުޝާދާއި އެއްބާރުލުމަށް އެ އޮތޯރިޓީން ވަނީ ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މި ބިމާ އެކު ގައުމީ ފެންވަރުގައި ކާރިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމުގެ ޔަގީންކަން އެ އިދާރާއިންދެއެވެ.

