
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ހއ. އުލިގަމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް އޮޕަރޭޓްކުރާނެ ފަރާތެއް ހޯދުމަށްޓަކައި ޝައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ބޮޑު މަޝްރޫއުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ޔޮޓުތަކަށް އެކަށީގެންވާ ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދީ، ރާއްޖޭގެ އުތުރުގެ އިގުތިސާދު ފުޅާކޮށް ސިންދަފާތުކުރުމެވެ. މި މަސައްކަތަށް އެމްޕީއެލްއިން އަމާޒު ހިފާފައި ވަނީ ފެންވަރު ރަނގަޅު މާސްޓަރ ޑިވެލޮޕަރެއް ނުވަތަ ތަޖުރިބާކާރު އޮޕަރޭޓަރަކާ މިކަން ހަވާލުކުރުމަށެވެ. މިއީ ސީދާ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޔޮޓް ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ފެށޭ މުހިންމު މަސައްކަތެކެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އުލިގަމު ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި މަޝްރޫއަށް 70،471 އަކަމީޓަރުގެ ބޮޑު ބިމެއް ވަނީ ހަމަޖައްސާފައެވެ. މެރީނާގެ އަސާސީ އުމްރާނީ ތަރައްގީގެ ގޮތުގައި ހިމެނޭ ފަސް މީޓަރުގެ ފުންމިން ހުންނަ ބޭސިނަކާއި ބްރޭކްވޯޓަރ، އަދި އައިއެސްޕީއެސް ސްޓޭންޑަޑަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ އެ ކުންފުނިންނެވެ. ނަމަވެސް، މެރީނާ ހިންގުމާއި، އެ ސަރަހައްދުގައި ބުޓީކް ރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްގީކުރުމާއި، ރެސްޓޯރެންޓްތަކާއި ވޯޓަރ ސްޕޯޓްސްގެ އިތުރުން ވެލްނެސް ފެސިލިޓީތައް ގާއިމުކުރުން ހިމެނޭނީ ޑިވެލޮޕަރުގެ ޒިންމާތަކުގެ ތެރޭގައެވެ.
މީގެ އިތުރުން، މި މަންޒިލް ބައިނަލްއަގުވާމީ މާކެޓުގައި އިޝްތިހާރުކުރުމާއި ޔޮޓް ޗާޓަރުކުރާ އެޖެންސީތަކާ ގުޅުން ބަދަހިކުރުން ވެސް ހިމެނެނީ މަޝްރޫއާ ހަވާލުވާ ފަރާތެއްގެ މައްޗަށެވެ. އުލިގަމަކީ އިންޑިއާ ކަނޑުގެ މައި ޔޮޓް ރޫޓުގައި، އެފްރިކާ، މެދުއިރުމަތި އަދި އިރުދެކުނު އޭޝިއާ ގުޅުވައިދޭ ވަރަށް ސްޓްރެޓެޖިކް ސަރަހައްދެއްގައި އޮންނަ ރަށަކަށް ވުމާ އެކު، ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޔޮޓުތައް އެ ރަށުގައި ބަނދަރުކުރެއެވެ.
މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ކުންފުނިތަކަށާއި ޖޮއިންޓް ވެންޗަރތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހުގެ މެންދުރުފަހު 2:00އެވެ. ހުށަހަޅާ ފަރާތްތަކުން ފާއިތުވި ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި ބޭންކް ރެފަރެންސް ޕީޑީއެފް ފޯމެޓުގައި އެމްޕީއެލްގެ ޓެންޑަރ އީމެއިލްއަށް ފޮނުވަން ޖެހޭނެއެވެ.
އީއޯއައި މަރުހަލާއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް، ތަފްސީލީ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހެޅުމަށް އާރްއެފްޕީ ފަހުން ދޫކުރާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 16ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. މި މުހިންމު މަޝްރޫއުގެ އެއްބަސްވުމުގައި އެމްޕީއެލްއާއި އުލިގަމު ކައުންސިލުން ސޮއިކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓު މަހުގެ 1ވަނަ ދުވަހުއެވެ.

