
އއ. އުކުޅަހަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށް، ރަށުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރު އެރަށުގެ ކޮންވެންޝަން ސެންޓަރުގައި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެރަށުގެ ކައުންސިލަރުން ވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި ހައުސިންގ މަޝްރޫޢުތަކެއް ހިންގައިދިނުމަށާއި، މިހާރު ހިއްކާފައިވާ ބިމާ ގުޅޭގޮތަށް އިތުރު ސަރަހައްދެއް ހިއްކުމަށް ވަނީ ހުށަހަޅުއްވާފައެވެ. އޭގެ އިތުރުން، އަލަށް ހިއްކި ބިމުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެނާއި ނަރުދަމާގެ ނިޒާމާއެކު ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަކަށް ޤާއިމުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި އިންޖީނުގެ ބޮޑުކުރަން ޖެހިފައިވީނަމަވެސް، އެކަމަށް އެކަށީގެންވާ ބިމެއް ހޯދުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތުވެސް ކައުންސިލުން ރައީސާ ޙިއްޞާކުރެއްވިއެވެ. ހަމައެއާއެކު، އުކުޅަހުގެ ކުނި މެނޭޖުކުރުމުގެ އެންމެހާ ކަންކަން ވެމްކޯގެ ދަށަށް ބަދަލުކުރުމަށާއި، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ ނިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް ވަނީ ދަންނަވާފައެވެ.
އިސްވެރިންގެ ކަންބޮޑުވުންތައް އައްސަވައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ، އުކުޅަހުގައި މިހާރުވެސް ހިނގަމުންދާ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ.

