
ރ. އުނގޫފާރުގައި ހުންނަ ސަރަޙައްދީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި، އެތަނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ސްޕެޝަލިސްޓު ޑޮކްޓަރުން އިތުރުކޮށް، ފެންވަރު ރަނގަޅު އައު ޚިދުމަތްތަކެއް ފޯރުކޮށްދޭން ފަށައިފިއެވެ.
މި ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޙުސައިން އާސިފް ވިދާޅުވީ، ބަލިތައް ދެނެގަތުމުގެ ނިޒާމު މިހާރު ވަރަށް ބޮޑަށް ހަރުދަނާކުރެވިފައިވާ ކަމަށެވެ. އެގޮތުން، ފާއިތުވި 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްއާރްއައިގެ ޚިދުމަތް ވަނީ އަލަށް ތަޢާރަފުކުރެވިފައެވެ. މީގެ އިތުރުން، ކުރިން ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ 7 މެޑިކަލް އޮފިސަރުންގެ އަދަދު 22އަށް އިތުރުކުރެވިފައިވާއިރު، ނަރުހުންގެ ޢަދަދު ވެސް ވަނީ ސަތޭކައާ ގާތްކުރާ މިންވަރަކަށް އިތުރުކޮށްފައެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާސިފް ފާހަގަކުރެއްވި ގޮތުގައި، މިހާރު އެ މުއައްސަސާގައި 19 ދާއިރާއަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 4 ދާއިރާއަކުން ސަބް-ސްޕެޝަލިސްޓުން އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ. ޑޮކްޓަރުންގެ ޢަދަދު އިތުރުވުމާ ގުޅިގެން، ކުރިން އެއް ދަންފަޅިއަށް ކުރިއަށްގެންދިޔަ ސްޕެޝަލިސްޓުންގެ އޯޕީޑީ ޚިދުމަތް މިހާރު ވަނީ ދެ ދަންފަޅިއަށް ބަދަލުކުރެވިފައެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، އެހެނިހެން ފަންނީ މުވައްޒަފުންގެ ޢަދަދު ވެސް ވަނީ އިތުރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ލެބޯޓަރީގެ ޚިދުމަތް މެދުކެނޑުމެއްނެތި 24 ގަޑިއިރު ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އާސިފް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒާ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ސްޕެޝަލިސްޓުން ހޮސްޕިޓަލާ ގުޅި، ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

