
އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް، މިހާރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ ކޮމިޝަނަށް މެންބަރަކު ހޯދުމަށް ސަރުކާރުން އާންމުކޮށް ހުޅުވައިލުމުން އިޖާބަދެއްވި ފަރާތްތަކުގެ ތެރެއިން، ރައީސަށް އެންމެ އެކަށީގެންވާ ކަމަށް ފެނިވަޑައިގަތީ ދަފްތަރު ނަންބަރު ރސ. 13449، މުޙައްމަދު ޝަކީލް ކަމުގައި މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އެ މަޤާމަށް ޝަރުޠު ފުރިހަމަވާ އެހެން ފަރާތްތަކުގެ ނަންތައް ވެސް ރައީސް އޮފީހުން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
ޝަކީލަކީ މީގެ ކުރިން ވެސް އީސީގައި މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، 2013ވަނަ އަހަރުގެ ސެޕްޓެމްބަރު 1އިން ފެށިގެން 2014ވަނަ އަހަރުގެ ޑިސެމްބަރު 3 އާ ހަމައަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްކަން ކުރެއްވުމަށް ފަހު، 2014ވަނަ އަހަރުގެ ޑިސެމްބަރު 3އިން ފެށިގެން 2018ވަނަ އަހަރުގެ މޭ މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް އޭނާ ވަނީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ޕީއެންސީގައި އޭނާ އަދާކުރަމުން ދިޔަ ހުރިހައި ޒިންމާތަކަކުން ދުރުވެ، އެ ޕާޓީގެ މެންބަރުކަމުން ވެސް އިސްތިޢުފާ ދެއްވައިފައެވެ.

