
އީފާސް ނިޒާމުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް މެންބަރުން ރަޖިސްޓްރީކުރަން ފެށުމާ އެކު، މިހާރު ބަލަހައްޓަމުންދާ ދަފުތަރުތަކަކީ އެއްވެސް އޮޅުވާލުމެއް ނުހިމެނޭ ސައްތައިން ސައްތަ ސައްހަ ލިސްޓުތަކެއްކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަށަވަރުކޮށްދީފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ޑިޖިޓަލް ނިޒާމަށް އަމަލުކުރަން ފެށުމާ އެކު، ކޮމިޝަނަށް ނޭނގި ސިއްރުން އެއްވެސް ފަރާތެއް ޕާޓީއަކަށް ވެއްދުމުގެ ފުރުސަތު މިހާރު މުޅިން ބަންދުވެފައިވާ ކަމަށެވެ. އަދި މިހާރު އޮތް ދަފުތަރަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އިތުބާރު ހިފޭނެ ދަފުތަރެއްކަމުގެ ޔަގީންކަން ދެއްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮންލައިންކޮށް ޕާޓީތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން، އާންމު ރައްޔިތުންނަށް ނޭނގި އެހެން ޕާޓީތަކުގައި ރަޖިސްޓްރީވެފައިވޭތޯ ބެލުމަށާއި ޝަކުވާ ހުށަހެޅުމަށް ފުޅާ ދާއިރާއެއްގައި އީސީން ހުޅުވާލިކަން ޙަސަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު އޮތް ނިޒާމަކީ އެކަންކަން އިސްލާހުކުރެވިގެން އެކުލަވާލެވިފައިވާ ފުރިހަމަ ނިޒާމެއްކަން އޭނާ ތަފްސީލުކޮށްދެއްވިއެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މިދިޔަ އަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ފެންމަތިވެގެން ދިޔައެވެ. ޚާއްސަކޮށް، މިހާރު ވެރިކަންކުރާ ޕީއެންސީން ހުށަހެޅި ގިނަ ފޯމުތަކެއްގެ ސައްހަކަމާމެދު ސުވާލު އުފެދި، އޭރުގެ އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ހުށަހެޅިއެވެ. މިކަމާ ގުޅިގެން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޕާޓީތަކުގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އީސީން ހުޅުވާލިއެވެ.
މީގެ އިތުރުން، އައިޑެންޓިޓީ ކާޑު ހައްދާ ޑީއެންއާރު އިމާރާތުގެ ތެރޭގައި ޕީއެންސީއަށް ފޯމު ފުރަމުންދިޔަ ކަމަށް ބުނާ މައްސަލައެއް ވެސް އޭރު ތިލަވިއެވެ. ސައްހަނޫން ފޯމުތަކެއް ހުށަހެޅުނުކަމަށް ޕީއެންސީން ފަހުން އެއްބަސްވި ނަމަވެސް، އެ ޕާޓީން ބުނެފައިވަނީ އެއީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރާނެ ހަރުދަނާ އިންތިޒާމެއް އޭރު ނެތުމުން ދިމާވި މައްސަލައެއް ކަމަށާއި، އެއީ ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

