
ވ. އަތޮޅު އަލިމަތާ ކައިރީގައިވާ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއަށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންތަކެއް ހޯދުމަށް ފުލުހުންގެ ޑައިވަރުންގެ ޓީމުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކޮމިޝަނަރުގެ އޮފީހުގައި އެ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
ސީޕީގެ އޮފީހުގައި ބޭއްވެވި މި ހާއްސަ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ތެރެއިން ވަޒީރާއި ސީޕީ ވަނީ، އުނދަގޫ އަދި ނުރައްކާތެރި ހާލަތެއްގައި ފުލުހުންގެ ޑައިވަރުން ދެއްކެވި ހިތްވަރާއި ކެރޭކަމަށް ތައުރީފުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައާއި ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ސާބިތުކަމާ އެކު ދެމިތިބުމަށް އެބޭފުޅުން އިލްތިމާސްކުރެއްވިއެވެ.
އަލިމަތާ ކައިރީގައި އޮންނަ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް އެތަނުން ނެރެފައިވަނީ ރާއްޖެއިން ބޭރުގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމެއްގެ އެހީތެރިކަމާއެކުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މީހުން ހޯދުމަށް ދިވެހި ސަލާމަތީ ބާރުތަކުން ހިންގި ނުރައްކާތެރި އޮޕަރޭޝަންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ބޭކަލަކު ވަނީ ނިޔާވެފައެވެ.

