
މިއަދު ފާހަގަކުރާ އަޟްހާ އީދު ދުވަހާ ގުޅިގެން އިސްލާމީ ގައުމުގެ ތަކުގެ އިސްވެރިންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އީދު ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްހާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނާ އެކުގައި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންވެސް، އެ ގައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާ، އަހުވަންތަ ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އީދާ ގުޅިފައިވާ ރޫހާނީ މުހިއްމު ކަމުގެ މައްޗަށް ބައްލަވާ ލައްވައި، ޢީދާއެކުގައިވާ، އަޅުކަމުގެ އަގުތަކާ، ގުރްބާން ކުރުމާ، އެއްބައިވަންތަކަމާ އަދި ރަހުމަތުގެ ސަބަބުން، މުސްލިމު އުއްމަތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާކަން ވެސް ރައީސް ފާހަގަ ކުރައްވާފައިވެއެވެ.
އޭގެ އިތުރުން ރައީސް ވަނީ، މި މަތިވެރި މުނާސަބަތުގެ ސަބަބުން، ދުނިޔޭގެ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކުގެ ހާލަތު ދެނެގަތުމާ، އަޅާލުމާ، އަދި އެއްބައިވަންތަކަން ބަދަހިވެގެން ދިޔުމަށާ، ހައްޖުގެ އަޅުކަން އަދާކުރަމުން ގެންދަވާ އެންމެހާ ހާއްޖާޖީންނަށް މަބްރޫރް ހައްޖަކަށް އެދިވަޑައިގެން، އަމާންކަމާއި ސަލާމަތްކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.
މެސެޖުތައް ނިންމަވާލައްވަމުން، ރައީސް ވަނީ ގައުމުތަކުގެ ލީޑަރުންނަށް، ދުޅަހެޔޮ ސިއްހަތަކަށާއި ފާގަތިކަމަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، މި މުނާސަބަތުގައި އެބޭފުޅުންނަށް، އިތުރު ކުރިއެރުމާއި، އުފާވެރިކަން މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

