
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކާޑުތަކުން ވެސް މުއާމަލާތްތައް ލިމިޓްކުރަން ނިންމައިފިއެވެ.
ބީއެމްއެލްއެކޭ އެއްގޮތަށް އިސްލާމިކް ބޭންކުންވެސް ރުފިޔާ އެކައުންޓްތަކަށް 250ޑޮލަރު ލިމިޓެއް ކޮންމެ މަހަކަށް އޮންނަނީ ކަނޑައަޅައިފައެވެ.
ނަމަވެސް އެމްއައިބީން ބުނީ އެހެނިހެން ބޭނުންތަކަށް އެ ލިމިޓް ކަސްޓަމަރުން ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޒަރޫރީ ބޭނުންތަކަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ގޮތުން ބައެއް ވިިޔަފާރި ސައިޓުތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ސައިޓުތަކަކުން ކަމެއް ހާމައެއް ނުކުރެއެވެ.
އެމްއައިބީއިން ބުނީ އެ ނިންމުމާ ގުޅިގެން އީ ކޮމާސް ސައިޓުތަކުން ގިނަވެގެން މަހަކު ހެދޭނީ 10ޓްރާންސެކްޝަން ކަމަށެވެ.
އެހެން ނަމަަވެސް ސަބްސްކްރިޕްޝަން ސައިޓުތަކަށާއި ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިއާއި ސިއްހީ އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ ހަރަދުތަކަށް 250ޑޮލަރުގެ ލިމިޓް ބޭނުން ކުރެވޭނެ ކަމަށް ވެސް އެމްއައިބީއިން ބުންޏެވެ.
ޑޮލަރު ލިމިޓުން ހެދޭ ޓްރާންސެކްޝަންތައް އެމްއައިބީން ލިމިޓްކުރި އިރު ބީއެމްއެލްއިން ވެސް އޮތީ އެފަދައިން ލިމިޓްކޮށްފައެވެ.

