
އިގުތިސޯދީ ގޮތުންނާއި ޖެއޮގްރަފީ ގޮތުން ފައިދާ ބޮޑީ ލ. އަތޮޅު އިސްދޫ-ކަލައިދޫގައި އެ އަތޮޅުގެ ދެވަނަ އެއާޕޯޓް އެޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ އެއާޕޯޓް އޮންނަނީ ކައްދޫގައެވެ. އެއީ އެ އަތޮޅު އެންމެ އާބާދީ ބޮޑު ގަމާއި، އަތޮޅު ވެރިކަންކުރާ ފޮނަދޫއާ ދެމެދު އޮންނަ، ލިންކް ރޯޑަކުން ގުޅާލާފައިވާ ރަށެކެވެ. ރައީސްގެ ރިޔާސީ ވައުދަކީ އެ އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމެވެ.
ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނެ ރަށެއް ހައުސިން މިނިސްޓްރީން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ގޮތުން ސަރުކާރުން ނިންމާފައި ވަނީ އިސްދޫ-ކަލައިދޫގައި އެ އެއާޕޯޓް އެޅުމަށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެ ގޮތަށް ނިންމަން ޖެހުނީ މުޅި އަތޮޅަށް ވެސް އެންމެ ފައިދާ ވާނެ ގޮތަކީ އެއީ ކަމަށް ބެލެވިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޖިއޮގްރަފީ ގޮތުންނާއި އިގުތިސޯދީ ގޮތުން ވެސް އެންމެ ފައިދާވާނީ އިސްދޫ-ކަލައިދޫގައި އެއާޕޯޓް އެޅުމުން ކަމަށާއި އެ ގޮތަށް ނިންމެވީ، މިދިޔަ ދެ އަހަރު އެކި ގޮތްގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު ކަމަށެވެ.
“އަޅުގަނޑު ވައުދުވީ ލ. އަތޮޅުގައި އިތުރު އެއް އެއާޕޯޓް، ޖުމުލަ ދެ އެއާޕޯޓް. ދެން އަޅުގަނޑާ ހަމައަށް އެ ކަމަށް އެދި ތިން ރަށަކުން އައި. އެއިން އެންމެ ރަނގަޅު ކަމަށް ފެންނަ ރަށް ސަރުކާރުން މިދިޔަ ދެ އަހަރު އެކި ގޮތްގޮތަށް ބަލައި ދިރާސާތައް ހަދާފައި ނިންމީ,” ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މާވަށުގެ ރައްޔިތުންނަށް އޮތީ ކޮން ކަމެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން ރައީސް ވިދާޅުވީ މާވަށަށް ވެސް އެމަނިކުފާނު ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.

