
ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި، މުޙައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުވުމަށް ފާޑުވިދާޅުވެ، އެ ބޭފުޅުން ޤައުމަށް ދެއްވާފައިވާ ބޮޑެތި ގެއްލުންތައް ހަނދާންނައްތަވާލައްވައި ގުޅިވަޑައިގަތުމަކީ އަމިއްލަ އެދުން ބޮޑުކަމުގެ އިންތިހާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިފަކުރައްވައިފިއެވެ.
މީސްމީޑިއާގެ މަންސައެއް ކަމަށްވާ ‘އެކްސް’ ގައި އެ ތިން ބޭފުޅުންގެ ފޮޓޯއަކާ އެކު އާންމުކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، އެކިއެކި ވެރިކަންތަކުގައި ހިނގާފައިވާ ބޮޑެތި ގޯސްތަކުގެ ދިގު ލިސްޓެއް ހިއްސާކުރައްވާފައެވެ. އެގޮތުން، އެ ލިސްޓުގައި ހިމެނޭ ކަންކަމަކީ މިހާރު އެ ބޭފުޅުންނަށް މައްސަލައަކަށް ނުވާކަން ފާހަގަކުރައްވައި، ކުރިން ދެއްކެވި ހުރިހާ ވާހަކަތަކެއް މުޅިން ބަދަލުވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގު އަދި ފެން ކުންފުނީގެ ހިއްސާ ވިއްކާލުމުގެ އިތުރުން ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި ފަނޑިޔާރު އަބްދުﷲ މުޙައްމަދު ހައްޔަރުކުރުން ހިމެނެއެވެ. ހަމައެހެންމެ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ތާރީޚީ ބޮޑު ޚިޔާނާތާއި ސިޔާސީ އެތައް ލީޑަރުންނަކާއި ފަނޑިޔާރުންނެއް ޖަލަށްލުން ވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުން،ދިރާގާ ފެންކުންފުނީގެ ޙިއްޞާ ވިއްކާލުން،ސްޕްރީމްކޯޓްގެ ތަޅު އެޅުވުން،ޢަބުދުاللہ ގާޒީ ހައްޔަރުކުރުން،އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް،ސިޔާސީ ލީޑަރުން ހައްޔަރުކުރުން،ކަނޑު ވިއްކާލުން ވެންޓިލޭޓަރުގެ ވައްކަން. އެމްޑީއެންގެ ރިޕޯޓް… pic.twitter.com/D1ahkvEP8d
— Abdul Raheem Abdulla (@Banafsaa) May 15, 2026
މީގެ އިތުރުން، ދާދިފަހުން ނިމިދިޔަ ރައީސް ޞާލިޙްގެ ސަރުކާރުގައި ހިނގާދިޔަ ކަންކަމަށް ވެސް އަބްދުއްރަހީމް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމާއި، ކޯވިޑް-19 ގެ ދުވަސްވަރު ހިންގި ވެންޓިލޭޓަރުގެ ވައްކަމާއި، އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ހިމެނޭ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ހުރިހާ ކަމެއް ހިނގާދިޔަ ނަމަވެސް، މިއަދު އެ ބޭފުޅުން އެއްތަންވެވަޑައިގަތުމަކީ އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ.

