
‘އިންޖިނިއަރ އޮފް ދަ އިޔަރ’ގެ ފަޚުރުވެރި އެވޯޑު ޑރ. ފުރުޤާން އިބްރާހީމްއަށް އަރުވައިފިއެވެ.
ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ، “އިންޖިނިއަރސް އެވޯޑް 2026″ގައި ހިމެނޭ އެންމެ ފަޚުރުވެރި އެއް އިނާމު ކަމަށްވާ ‘އިންޖިނިއަރ އޮފް ދަ އިޔަރ’ގެ ޝަރަފު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން ރޭ ވަނީ އަރުވާފައެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ޑރ. ފުރުޤާނަށް ވަނީ އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗްގެ ދާއިރާއިން ދޭ ޚާއްޞަ އެވޯޑު ވެސް އަރުވާފައެވެ.
އިންޖިނިއަރިންގ ދިރާސާތަކާއި، ހަކަތައިގެ އިތުރުން ހިންގުމުގެ ރޮނގުން ވިހި އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޑރ. ފުރުޤާނަކީ ޤައުމީ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރުމާއި، ފެން އުފައްދާ ނިޒާމުތައް ފަރުމާކުރުމުގެ އިތުރުން، ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
ފަންނީ ދާއިރާއަކުން މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކުރެއްވި ޑރ. ފުރުޤާން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ފެން ކުންފުނީގައެވެ.

