
އިންޓަޕޯލްގެ ކެޕޭސިޓީ ބިލްޑިން އެންޑް ޓްރެއިނިން ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމެއް ކަމަށްވާ “އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް”ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެންސީޕީއެލްއީގެ އައްޑޫ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހުމާންއެވެ.
ފުލުހުން ބުނީ އިންޓަރޕޯލްގެ އެކި ޒޯންތައް ތަމްސީލުވާ ގޮތަށް 13ގައުމަކުން ޖުމްލަ 23އޮފިސަރުން އެ ޕްރޮގްރާމުގައި ބައިވެރިވާ ކަމަށެވެ.
މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނެކެވެ. އެ ކޯހުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިން އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުން ކަމަށް ފުލުހުން ބުންޏެވެ.
އެ ޕްރޮގްރާމުގެ ތެރެއިން، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިން މޮޑެލްތައް ބޭނުންކޮށްގެން އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިން އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްގީކުރުމާއި، ބައިވެރިން ޝައުގުވެރިކުރުވުމުގެ އުކުޅުތަކުގެ އިތުރުން ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ބައިވެރިން އުނގެނޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

