
އިންޑިއާގެ ހައިދަރުއާބާދުގައި ބާއްވާ “އިންޑިއާ-އޭޝިއާ ބިޒްނަސް ކޮންކްލޭވް 2026” އާއި “އިކޯ ސަސްޓެއިން އެކްސްޕޯ 2026″ގައި ބައިވެރިވެ، ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ގްލޯބަލް އިންޑިއާ ބިޒްނަސް ފޯރަމްގެ އިސްނެގުމާ އެކު އިންތިޒާމުކުރާ މި ހަރަކާތުގެ ހަތަރުވަނަ އެޑިޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 31އިން ފެށިގެން އޮގަސްޓު މަހުގެ 1ވަނަ ދުވަހުގެ ނިޔަލަށެވެ. މި ވުޒާރާއިން ހާމަކުރައްވާ ގޮތުގައި މިއީ އޭޝިއާ ސަރަޙައްދުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށަށް ޖަމާކޮށް، ގުޅުން ބަދަހިކުރުމަށް ފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ.
މި މައުރަޒުގައި އިންޑިއާގެ ފައްސަތޭކައަށްވުރެ ގިނަ ކުންފުނިތަކާއި، އޭޝިއާގެ ވިއްސަށްވުރެ ގިނަ ޤައުމެއްގެ އިންވެސްޓަރުންނާއި، ސަރުކާރުތަކުގެ އިސް އޮފިޝަލުން އަދި ޑިޕްލޮމެޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ވިޔަފާރިތަކަށް އިންޑިއާގެ އުފެއްދުންތެރިންނާއި، އިމްޕޯޓަރުންނާއި އެކްސްޕޯޓަރުންގެ އިތުރުން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ފަރާތްތަކާ ސީދާ ގުޅުން ޤާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ސަރުކާރުން ސިފަކުރައްވައެވެ.
Maldivian businesses are invited to participate in the India–Asia Business Conclave 2026 and Eco Sustain Expo 2026, taking place in Hyderabad, India, from 31 July–1 August 2026.
For more info, visit: https://t.co/7GuiU3MYtW pic.twitter.com/LLgs5qFw1X
— Ministry of Economic Development,Transport & Trade (@MoEDmv) July 20, 2026
މި ކޮންކްލޭވްގެ ތެރެއިން ދިވެހި އުފެއްދުންތަކާއި ޚިދުމަތްތައް ބައިނަލްއަޤުވާމީ ބާޒާރުގައި އިޝްތިހާރުކުރުމަށާއި، ޖޮއިންޓް ވެންޗަރ ފުރުސަތުތައް ހޯދުމަށް މަގުފަހިވާނެއެވެ. ހަމައެއާ އެކު، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ އިތުރުން ލޮޖިސްޓިކްސް ފަދަ ތަފާތު އެތައް ދާއިރާއަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް އުފެއްދުމަށް ޚާއްޞަ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެކަން ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

