
އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އާއި އެ ގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން، އަލަށް އުފެއްދި ‘ނޭވަލް އެންޓި-ޝިޕް މިސައިލް–ޝޯޓް ރޭންޖް’ (އެންއޭއެސްއެމް-އެސްއާރު) ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. އޮޑިޝާގެ އައްސޭރިފަށުގައި އޮންނަ ބޭ އޮފް ބެންގަލްގައި ކުރިއަށްދިޔަ މި ޓެސްޓުގައި، މިސައިލް ފޮނުވާލާފައިވަނީ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރަކުންނެވެ.
މިއީ އިންޑިއާގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު އަދި ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި ޓެސްޓުގައި އެއް ހެލިކޮޕްޓަރަކުން ވަރަށް ގާތްގާތުގައި ދެ މިސައިލް ފޮނުވާލާފައިވެއެވެ. މިއީ ވައިގެ މަގުން ފޮނުވާލާ މިފަދަ ކުރިއަރާފައިވާ އެންޓި-ޝިޕް މިސައިލް ސިސްޓަމެއްގެ ‘ސަލްވޯ ލޯންޗް’ (އެކުއެކީގައި އެތައް މިސައިލެއް ފޮނުވާލުން) އިންޑިއާއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި މިސައިލަކީ 1,500 ކިލޯމީޓަރަށްވުރެ ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެކެވެ. މީގެ ސަބަބުން ކަނޑުގެ ފުން ސަރަހައްދުތަކުގައި އިންޑިއާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި އަަޑަށްވުރެ 10 ގުނަ ބާރަށް (މެކް 10) ދަތުރުކުރާ މި މިސައިލަކީ މި ބާވަތުގެ މިސައިލްތަކުގެ ތެރެއިން ދުނިޔޭގައިވެސް އެންމެ ހަލުވި އެއް މިސައިލެވެ.
ސަލްވޯ ލޯންޗުގެ އިތުރުން، ދުޝްމަނުންގެ އުޅަނދުތައް ހަލާކުކޮށްލުމަށް ބޭނުންވާ ‘ވޯޓަލައިން ހިޓް’ ނުވަތަ އުޅަނދުގެ ފެންމަތީ ފަށަލައަށް ސީދާ ހަމަލާދިނުމުގެ ގާބިލުކަންވެސް މި ޓެސްޓުތަކުން ވަނީ ސާބިތުކޮށްދީފައެވެ. މި ޓެސްޓުތައް ކުރިއަށްދިޔަ ގޮތް ޑީއާރުޑީއޯގެ ސައިންސްވެރިންނާއި، އިންޑިއާގެ އެއަރ ފޯސްގެ މަންދޫބުންގެ އިތުރުން މި މަޝްރޫއުގެ ބައިވެރިން ވަނީ ބަލާފައެވެ.
އެންއޭއެސްއެމް-އެސްއާރު މިސައިލްގައި ބޭނުންކޮށްފައިވަނީ އިންޑިއާގެ އަމިއްލަ ޓެކްނޮލޮޖީތަކެވެ. މީގެ ތެރޭގައި އެންމެ ޒަމާނީ ސީކަރ (އަމާޒު ހޯދާ ނިޒާމު)، ފައިބަރ-އޮޕްޓިކް ގައިރޯސްކޯޕް ބޭނުންކޮށްގެން ދަތުރުކުރާ ނެވިގޭޝަން ސިސްޓަމް، ރޭޑިއޯ އަލްޓިމީޓަރ، އަދި މައުލޫމާތު ބަދަލުކުރާ ހައި-ބޭންޑްވިޑްތް ޑޭޓާ ލިންކް ހިމެނެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވަނީ މި ކާމިޔާބީއާ ގުޅިގެން ޑީއާރުޑީއޯ އާއި އަސްކަރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އާ އުފެއްދުމާއެކު އިންޑިއާގެ ދިފާއީ ބާރުތަކުގެ އޮޕަރޭޝަނަލް ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
ޑީއާރުޑީއޯގެ ޗެއާމަން ޑރ. ސަމީރު ވީ. ކަމަތުވެސް ވަނީ މި ޓެސްޓު ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ޓީމުތަކަށް ތައުރީފު ކުރައްވާފައެވެ.

