
ރާއްޖޭގެ އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާވެރިވުމަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އިންސާނުންގެ ވިޔަފާރިކުރުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި، އިންސާނީ ކަރާމާތާއި މިނިވަންކަމާއި އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއާ އެކު ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މި އަހަރުގެ ޝިޢާރު ކަމަށްވާ “ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް” އަށް އަލިއަޅުއްވާލައްވަމުން، އިންސާނުންގެ ވިޔަފާރިކުރުމުގެ ކުށްތަކަށް އަންނަމުންދާ ބަދަލުތަކާއި ކުށްކުރާ ނެޓްވޯކްތަކުން ޓެކްނޮލޮޖީގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރު އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގައި މަޖުބޫރުން ކުށްކުރުވުމުގެ ތެރޭގައި ނިކަމެތިން ބައްދައިގެން މި ސަރަޙައްދުގައި ހިންގަމުންދާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ވެސް ބަޔާންކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ބޭރުގެ އެކި ފަރާތްތަކާއި ތަފާތު މަސައްކަތްތެރިންގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދަކަށްވާއިރު، ރާއްޖޭގައި އުޅޭ ކޮންމެ ފަރުދެއްގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ވާޖިބު އަދާކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރުމާއި ޞައްޙަކަން ކަށަވަރުނުކުރެވޭ ވޯކް ޕާމިޓްތައް މަދުކުރުމަށް ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ކާމިޔާބީއަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އޮޕަރޭޝަނަލް މަސައްކަތްތަކުގެ އިތުރުން މުއައްސަސާތައް ހަރުދަނާކުރުމުގެ ގޮތުން، އިންސާނުންގެ ވިޔަފާރިކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި ފުރަތަމަ ‘ނޭޝަނަލް އެކްޝަން ޕްލޭން އޮން ހިއުމަން ޓްރެފިކިންގ’ވަނީ ތަޢާރަފުކޮށްފައެވެ. އަދި މިކަމާގުޅޭ ފުރަތަމަ ޤާނޫނީ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ‘ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ކޯޑިނޭޝަން ކޮމިޓީ’ އަލުން އެކުލަވާލައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިވުމަށް ‘މައިގްރެންޓް ވޯކަރސް ރިސޯސް ސެންޓަރ’އާއި ‘މައިގްރެންޓް ކަނެކްޓް ޕޯޓަލް’ ޤާއިމުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިޞްލާޙުތަކުގެ އެހީގައި ސަރުކާރުގެ އަމާޒަކީ ނާޒުކު ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ، ކުށްކުރާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސް ބަޔާންކުރެއްވިއެވެ. އަދި ‘މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029’ އެކުލަވާލުމުގެ ސަބަބުން، ވިކްޓިމުން ދެނެގަނެ ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމާއި ދަޢުވާކުރުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމަށް ސާފު މަގުޗާޓެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މި ކުރިއެރުންތަކާ އެކު ވެސް އަދިވެސް ގޮންޖެހުންތައް އެބަހުރިކަމަށް އެއްބަސްވެވަޑައިގަންނަވަމުން، މިކަންކަން ޙައްލުކުރުމަށް އެކި ދާއިރާތަކުންނާއި ޤައުމުތައް ގުޅިގެން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އިންސާނީ ކަރާމާތަކީ އެއްވެސް ދޫދިނުމެއް ނެތް އަސާސެއްކަން ކަށަވަރުކޮށްދެއްވަމުން، އިންސާފުވެރިކަމާ އެކު ތަރައްޤީވަމުން އަންނަ، އަދި ކޮންމެ މީހަކަށް ވެސް އިޙްތިރާމާއި ޤަދަރު ލިބޭނެ މުޖުތަމަޢުއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

