
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެކައުންޓިންގ އަދި ފައިނޭންސް މެންބަރުގެ މަޤާމަށް، މަރްޔަމް ނަޒުލީނާ ޢައްޔަންކުރައްވައިފިއެވެ.
ދައުލަތުގެ މާލީ ނިޒާމުތަކާއި ފައިނޭންޝަލް ރިޕޯޓިންގގެ އިތުރުން އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓްގެ ރޮނގުން ފަނަރަ އަހަރަށްވުރެ ދިގު މުއްދަތެއްގެ އަމަލީ ތަޖުރިބާ ހާސިލުކުރައްވާފައިވާ ނަޒުލީނާ، މިހާރު ވެސް ފުރުއްވަމުން ގެންދަވަނީ މާލީ ވުޒާރާގެ ސީނިއަރ އައި.އެފް.އެމް.އައި.އެސް ފައިނޭންސް ސްޕެޝަލިސްޓްކަމުގެ މަޤާމެވެ. ސެޕް ސިސްޓަމް ތަޢާރަފުކުރުމާއި އެކަމުގެ ފަންނީ އެހީތެރިކަން ދިނުމުގައި 13 އަހަރު ހޭދަކުރައްވައި، ސެޕް އެފް.އައި ބޭނުންކުރާ ދުއިސައްތައަށްވުރެ ގިނަ މުވައްޒަފުން އޭނާ ވަނީ ތަމްރީނުކުރައްވާފައެވެ.
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ، 30 ޖުލައި 2026 ގައި ވަނީ އައްޔަނުކޮށްފައި. pic.twitter.com/KWAmtBJbMr
— Privatization & Corporatization Board (@pcb_gov) July 30, 2026
އޭގެ އިތުރުން، ސަރުކާރުގެ އިންވެސްޓްމަންޓްތައް ބެލެހެއްޓުމާއި، އި.ޕީ.އެސް.އޭ.އެސް އަދި އެކްރޫއަލް އެކައުންޓިންގއަށް ބަދަލުގެނައުމުގެ މުހިންމު މަސައްކަތްތަކުގައި ނަޒުލީނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. ތަޢުލީމީ ގޮތުން ބަލާއިރު، އޭނާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ، އަދި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ގޮތަށް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ އުފެއްދެވީ ފާއިތުވި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި ކުންފުނީގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ އިޤްތިޞާދީ ތަސައްވުރާ އެއްގޮތްވާގޮތުގެ މަތިން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، ކާސްޓިންގ އަދި ގައު އެޅުން ފަދަ މަސައްކަތްތައް ފުޅާކުރުމެވެ.

