
މިހާރު ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިން ވެސް އެ ވަޒީފާ އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މި މަހުގެ 23ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މި ނަމަށް ރުހުން ލިބުނީ 47 މެންބަރުންގެ ތާއީދާއެކުގައެވެ. އޭނާ އެ މަގާމަށް ގެންނަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ. މިއީ، މިހާރު އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ތެރޭގައި ނިމުމަކަށް އަންނާތީ ގެންނެވި ބަދަލެކެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޢަބްދުލްޢަޒީޒާ އިންޓަވިއުކުރުމަށް ފަހު ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ދީފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ އަސްލު ބޭނުމަކީ ރައްޔިތުންނަށް ފަސޭހައިން މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވާއިރު، އެކަން އެންމެ ފުރަތަމަ ކުރައްވާނީ އިދާރާތަކާ ގުޅިގެން ޑިޕްލޮމެޓިކް އުސޫލުންނެވެ. އަދި އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކަށް މައުލޫމާތު ނުލިބިއްޖެ ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެއްވި ފަރާތެވެ. އެގޮތުން 2014ވަނަ އަހަރުގެ ޖުލައި 22އިން ފެށިގެން 2019ވަނަ އަހަރުގެ ޖުލައި 22ގެ ނިޔަލަށް އޭނާ ވަނީ އެ މަސްއޫލިއްޔަތު އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ދިވެހި ބަހުގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިއަދު މަޖިލީހުން ރުހުން ދިން އިރު، އޭނާ ހުންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަކީ، މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނާއި ގުޅުންހުރި ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި، ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ގޮތަށް ކަނޑައަޅާފައިވާ މިނިވަން މުސްތަގިއްލު މަގާމެކެވެ.

