
އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެ ގައުމުގެ މެމްބަރ އޮފް ޕަރލަމެންޓް، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ސިޓީގައި ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީޚީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ، ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުގެ މުހިންމު ހިއްސާ ވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އެ ސިޓީގައި ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި އެ ގައުމުގެ އާ ބޮޑުވަޒީރާ އެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ވެސް ފާޅުކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

