
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ގޮތަށް، ދިވެހިރާއްޖޭގެ ފަރާތުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ މަންދޫބެއްގެ ގޮތުގައި ޖަމީލާ އަލީ ޚާލިދު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން މިއަދު ރުހުން ދީފިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމި ރިޕޯޓަށް ތަޅުމުގައި ވޯޓަށް އެހުމުން، ޖަމީލާއަށް ރުހުން ދިނުމަށް ފާސްވީ އެ ވަގުތު ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 59 މެމްބަރުންގެ ބޮޑު އިއްތިފާގުންނެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނު ބަޔާންކުރާ ގޮތުން، ބޭރު ޤައުމުތަކުގައި ތިއްބަވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުންނަށް މަޤާމުގެ ޒިންމާ އަދާކުރެވެން ފެށޭނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދައިގެންނެވެ.
ޔޫކޭގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އިރުތިޝާމް އާދަމް، ސަރުކާރުގެ ޚާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ސަފީރުކަމަށް އަލަށް އައްޔަންކުރެއްވި ޖަމީލާއަކީ ޚާރިޖީ އަދި އިދާރީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ކަނބަލެކެވެ. މީގެ ކުރިން އޭނާ ވަނީ ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަޤާމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.

