
އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ގީލާ މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި ގީލާ ވިދާޅުވީ ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރާއްޖޭން ބޭރަށް ފޮނުވިފައި ވާނީ އޮންކޮލޮޖީ ނުވަތަ ކެންސަރު ބަލީގެ ފަރުވާއަށާއި ބަލީގެ ބާވަތުން ހަދަންޖެހޭ ކޮމްޕްލެކްސް ޓެސްޓުތައް ހެދުމަށް ކަމަށެވެ. އަދި މި ބަލީގައި ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ ތެރޭގައި ތަކުރާރުކޮށް ފޮނުވާ ބަލިމީހުން ވެސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
“މީގެ ތެރޭގައި މުޅިން އަލަށް ފޮނުވުނު ފަރާތްތަކާއި ބަލީގެ ބާވަތުން ތަކުރާރުކޮށް ފޮނުވާ ފަރާތްތައް ވެސް ހިމެނޭކަން ފާހަގަ ކުރަން. އަދި އަވައްޓެރި ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިން ވެސް މީގެ ތެރޭގައި ހިމެނޭ” މިނިސްޓަރު ގީލާ އަލީ ވިދާޅުވިއެވެ.
ގިލާ ވިދާޅުވީ ކެންސަރު ބަލީގެ ފަރުވާއަށް 2023ވަނަ އަހަރު 1638 މީހުން، 2024ވަނަ އަހަރު 1996 މީހުން އަދި 2025ވަނަ އަހަރު 2000އަށް ވުރެ ގިނަ މީހުން ރާއްޖެއިިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. މި ބަލީގެ ފަރުވާއަށް ގިނަ އަދަދެއްގެ މީހުން ފޮނުވި ނަމަވެސް ގިނަ މީހުން ކީމޯ ތެރަޕީ ހަދަނީ ރާއްޖޭގައި ތިބެގެން ކަމަށް ވެސް ގީލާ ފާހަގަކުރެއްވިއެވެ. އެގޮތުން 2025ވަނަ އަހަރު ކީމޯ ތެރަޕީގެ ފަރުވާއެއްގެ ގޮތުގައި ރާއްޖެއިން ބޭރުން ހޯދާފައި ވަނީ 39 މީހުން ކަމަށާއި އައިޖީއެމްއެޗްއާއި ހުޅުމާލޭ ހޮސްޕިޓަލުން 2025ވަނަ އަހަރު 755 މީހުން ކީމޯތެރަޕީ ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.

