
އާންމު ފަރުދުން ފަތުރުވެރިކަމުގައި ޝާމިލުކުރުމަށް ޚާއްސަ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާއެއްގައި ސޮއިކުރީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއެވެ. “ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް”ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގެ ޕައިލެޓް ޕްރޮޖެކްޓް ހިންގުމަށް ކަނޑައަޅާފައިވަނީ ބ. އަތޮޅުގެ ހަތަރު ރަށެއްގައެވެ. އެގޮތުން، އެ އަތޮޅު ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި މި މަޝްރޫއު ފަށާއިރު، މައިގަނޑު އަމާޒަކީ އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުން އަދި ޒުވާނުންނަށް އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމާއެކު މުޅި އާއިލާއަށް މަންފާކުރާނެ ފަދަ ވެއްޓެއް ގާއިމުކުރުމެވެ.
Ministry of Tourism and Civil Aviation and @UNFPAMaldives signed an MoU to pioneer a people centered community tourism empowerment model. Together, we’re mapping and co designing inclusive frameworks that empower women, youth, and families in Baa Atoll. pic.twitter.com/zftB5pgpG1
— Ministry of Tourism and Civil Aviation (@MoTmv) June 5, 2026
މި މަޝްރޫއުގެ މަސައްކަތްތައް ފަށައިގަތުމުގެ ގޮތުން އެންމެ ފުރަތަމަ މަރުހަލާއެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ މެޕިންގ މަސައްކަތްތަކެވެ. މީގެ އަލީގައި، ކުރިމަގުގައި ރައްޔިތުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި، އުފެއްދުންތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެއެވެ. ސަރުކާރުން މިކަން ފަރުމާކޮށްފައިވަނީ ލޯކަލް ޓޫރިޒަމް ފުޅާވަމުންދާއިރު، ރަށުގެ ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތަކަށް އެންމެ ބޮޑަށް އިސްކަންދޭ ގޮތަށެވެ.
ދިވެހިރާއްޖޭގެ ތަރައްގީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އާންމު ފަރުދުންގެ ދައުރު ފުޅާކުރުމަކީ ދައުލަތުން ނުހަނު އިސްކަމެއް ދޭ ކަމެކެވެ. އެހެންކަމުން، މި އެއްބަސްވުމުގެ ދަށުން ތަންފީޒުކުރެވޭ އައު ނިޒާމުގެ ސަބަބުން ރަށްފުށުގެ މުޖުތަމައުތަކަށް ފަތުރުވެރިކަމުގެ ސީދާ މަންފާ ލިބި، މުޅިން އައު މިސްރާބަކަށް މި ސިނާއަތް ބައްޓަންވެގެން ދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

