
ރޭގައި ހިނގި އަލިފާނުގެ ހާދިިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
މި ހާދިސާ އަކީ ރޭގައި މާލެ، ބޮޑު ރަސްގެފާނު މަގުގައި ހުރި، ހ.ފަހިވައި 7ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަފައިގެން ދިއުމުގެ އިތުރުން އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، އަލިފާން ރޯވި އެޕާޓްމަންޓުގެ ސިޓިންރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި މި ހާދިސާ ހިނގި އިމާރާތުގެ 7ވަނަ ފަންގިފިލާފައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ 4 ދިވެހިންނަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

