
އަލަތު ކައިވެނީގެ ހަފްލާ ހިލޭ މާލޭގައި ހަމަޖަސައިދިނުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްއިން ބޭއްވި އާންމު ޖަލްސާގަ އެވެ.
އެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، އަލަތު ކައިވެނީގެ ހަފްލާ ހިލޭ ހަމަޖައްސައިދިނުމަކީ މާލޭގެ މޭޔަރު އާދަމް އާޒިމްގެގެ ވައުދުފުޅަކަށް ވާތީ، ވީހައި ވެސް އަވަހަށް އެކަން ނިންމަން ބޭނުންފުޅު ވާކަމަށެވެ.
ލަބާންގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެކަމަކަށް، މުޅި ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށެވެ. އަދި އެ ފުރުސަތުގެ މަގުސަދަކީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޭޔަރު އާދަމް އާޒިމް މިއަދު ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ވެސް ފޮނުއްވާފައެވެ.
އެ މައްސަލައިގައި ގޮތެއް ނިންމުމަށް ޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް އެކަން ތާވަލުކުރުމަށް ވަނީ ނިންމާފައެވެ.

