
އަތޮޅު ފިހާރަތަކުގެ ތެރެއިން 8 ފިހާރައެއް ކުއްޔަށް ދޫކުރުމަށް ބިޑަށް ހުޅުވާލައިފިއެވެ.
ފަސް އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފަން ޖެހޭ ގޮތަށް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕް، ޕާޓްނަރޝިޕް އަދި ކުންފުނިތަކަށެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 65 ރުފިޔާ ކަމަށް އިއުލާނުގައިވެއެވެ. ބިޑް ހުށަހަޅަންޖެހެނީ ފިނޭންސް މިނިސްޓްރީގެ އެސެޓްސް އެންޑް ޓްރެޒަރީ ސެކްޝަނަށް ކަމަށް ވެސް އިއުލާނުގައިވެއެވެ.
ބިޑަށް ހުޅުވާލާފައިވާ އަތޮޅު ފިހާރަތަކަކީ:
- ކ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާ (597.54 އަކަފޫޓު)
- ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި އެތަނުގެ މަތީބައި (1095.08 އަކަފޫޓު)
- ކްރެސެންޓް 5 ނަންބަރު ފިހާރަ (444.38 އަކަފޫޓު)
- ކ. އަތޮޅު ފިހާރަ ހުޅަނގުބައި (321.62 އަކަފޫޓު)
- ލ. އަތޮޅު ފިހާރައިގެ މަތީބައި (630.83 އަކަފޫޓު)
- ގއ. އަތޮޅު ފިހާރައިގެ އިރުމަތީބައި ދެކުނު ފެންޑާގެ ދެބައިކުޅަ އެއްބައި (620 އަކަފޫޓު)
- ގއ. އަތޮޅު ފިހާރައިގެ ހުޅަނގުބައި ދެކުނު ފެންޑާގެ ދެބައިކުޅަ އެއްބައި (620 އަކަފޫޓު)
- ކ. އަތޮޅު ފިހާރައިގެ އިރުމަތީބައި މަތީބައި (952.45 އަކަފޫޓު)
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މިހާރު ވެސް އެ ފިހާރަތައް ކުއްޔަށް ހިފައިގެން ހިންގާ ފަރާތްތަކަށް ވަކި ޚާއްސަ އިސްކަމެއް ދެވޭނެއެވެ. އެ ގޮތުން މިހާރު ފިހާރަ ހިންގާ ފަރާތަކީ ގަވައިދުން ކުލި ދައްކާ ފަރާތެއް ކަމުގައިވާން ޖެހެއެވެ. އަދި އެ ގޮތަށް ދޫކުރަނީ ވެސް ޝަރުތު ހަމަވާ ބިޑެއް ހުށަހަޅާފައިވާނަމައާއި އެންމެ މަތިން މާކްސް ލިބުނު ފަރާތުން ހުށަހެޅި އަގުގައި ފިހާރަ ކުއްޔަށް ހިފުމަށް އެއްބަސްވާ ނަމަ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

