
‘އަދަދު’ ނޫހުގެ އޮފީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތި އަނބުރާ ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރެވެން ނެތްކަމަށް، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައި ވަނީ، އެ ނޫހުގެ އޮފީސް ފާސްކޮށް ތަކެތި ގެންގޮސްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު މަރުހަލާ ނުނިމެނީސް ހެކީގެ ގޮތުގައި ހިފަހައްޓާފައިވާ ތަކެތި ދޫކޮށްލުމަކީ ތަހުގީގަށް ނޭދެވޭ އަސަރުކޮށް، ހުރަސްއެޅިދާނެ ކަމަކަށް ވާތީ، އެ ތަކެތި ދޫކުރުމުގެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ކޯޓުގައި އެދިވަޑައިގެންފައި ވަނީ ތަހުގީގު ނުނިމޭތީ އެ އާލާތްތައް ދޫކުރުމުގެ އަމުރެއް ނެރެނުދެއްވުމަށެވެ.
ފުލުހުން 27 އޭޕްރީލް 2026ގައި އަދަދު ނޫހަށް ވަދެ، ޖުމްލަ 20 އައިޓަމެއް ވަނީ އެފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ލެޕްޓޮޕާއި، ހާޑް ޑިސްކާއި، ޕެންޑްރައިވްގެ އިތުރުން އައިޕެޑްފަދަ އާލާތްތައް ހިމެނެއެވެ. މި ތަކެތި ހިފަހައްޓާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ހިލާފަށް ކަމަށް ބުނެ، ތަކެތި އަނބުރާ ހޯދުމަށް އެ ނޫހުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ މެއި މަހުގެ 17ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެންދިޔަ ތަކެތީގެ ތެރެއިން 15 އައިޓަމެއް ވަނީ މެއި 17ވަނަ ދުވަހު އަނބުރާ އެ ނޫހާ ހަވާލުކޮށްފައެވެ. ނަމަވެސް ބާކީ ހުރި އާލާތްތަކުގެ ޕާސްވޯޑު ލިބިފައި ނުވާތީ އެތަކެތީގެ ފޮރެންސިކް ތަހުލީލުތައް ކުރިއަށް ނުގެންދެވި، ބަލައި ފާސްކުރުމުގެ މަރުހަލާ އޮތީ މަޑުޖެހިފައެވެ. ފުލުހުންގެ އަތުގައި މިވަގުތު ހިފެހެއްޓިފައި ހުރީ އެޕަލް މެކްބުކް ޕްރޯ ލެޕްޓޮޕަކާއި އޭގެ ޗާޖަރެއްގެ އިތުރުން، އެޕަލް މެކްބުކް އެއަރ ލެޕްޓޮޕެކެވެ.

