
މާލޭގެ އަމީނީ މަގު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރަށް ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގެ ތެރެއިން މާފަންނުކޮޅުގައި އޮންނަ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އޮންނަ ސަރަހައްދު އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ސެގްމަންޓުގެ ގޮތުގައި މިހާރު ތާރުއަޅަމުން ދަނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޕާކިންގ ޒޯނާ ހަމައަށް އޮންނަ ގާތްގަނޑަކަށް 270މީޓަރުގެ ދިގު ސަރަހައްދެއްގައެވެ.
މަގު ހެދުމުގެ މި މަސައްކަތުގެ ތެރެއިން، ބިމު އަޑީގައިވާ ޔުޓިލިޓީ ނެޓްވޯކްތަކާއި ހޮޅިތައް އަލުން ތަރުތީބުކުރުމުގެ އިތުރުން ބަސް ސްޓޮޕްތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދާ ފުރަތަމަ ބައިގެ މަސައްކަތް ނިންމައި އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމަށް ފަހު، ދެން ފަށާނީ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ދެވަނަ ސެގްމަންޓުގެ މަސައްކަތެވެ. އަމާޒަކީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް މި ސަރަހައްދުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ.
އަމީނީ މަގުގެ 1.79ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިމިދިޔަ ސަރުކާރުން 84.4މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މަޝްރޫއު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މަގުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކޮށް ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މި ސަރުކާރުން އަނެއްކާ ވެސް މިވަނީ މަރާމާތުގެ މަސައްކަތް ފަށާފައެވެ.
މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް އަލުން ހަދައި ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވާ ގޮތުގައި، އިދާރީ ގިނަ މަރުހަލާތަކެއް މިހާރު ފުރިހަމަކުރެވިފައިވާއިރު، 2027ވަނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

