
އަމީނީމަގު އަލުން ތަރައްޤީކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުގައި އެމްޓީސީސީން ދެމުންގެންދާ މުދާ އުފުލާ ފެރީގެ ޚިދުމަތް، މިއަދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ދޭގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
ދައުލަތުގެ ޓްރާންސްޕޯޓް ކުންފުނި ކަމަށްވާ އެމްޓީސީސީން ހާމަކުރި ގޮތުގައި، މި ބަދަލު ގެނެސްފައި ވަނީ އަމީނީމަގުގެ ސެގްމަންޓް 1ގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. އަދި މި އިންތިޒާމު ދެމިއޮންނާނީ އެ ސަރަހައްދު މަރާމާތުކޮށް އެއްކޮށް ނިމެންދެން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މަގު ހެދުމުގެ އަމަލީ މަސައްކަތަށްޓަކައި، ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާ ދިމާލުން އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކިންގ ޒޯނާ ހަމައަށް އަމީނީމަގު މިހާރު ވަނީ އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މީގެ އިތުރުން، މަގު ބަންދުކުރުމުގެ ސަބަބުން ބަހުގެ ޚިދުމަތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މަޝްރޫޢުގެ ފުރަތަމަ ބައި ނިމެންދެން ރޫޓް-10 ގެ ބަސްތައް ސޯޝަލް ސެންޓަރަށާއި، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ބަސް ހުއްޓިތަކަށް މަޑުނުކުރާނެކަން ވަނީ އަންގާފައެވެ.

