
އަމީނީމަގު މަރާމާތު ކުރުމަށް ބަންދުކުރާތީ ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޓީސީސީ އިން ބުނީ އަމީނީމަގު ހެދުމުގެ މަސައްކަތް ރޭ ދަންވަރު މަގު ބަންދުކޮށްފައިވާތީ ބަސްރޫޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އާރު 1 – ވެސްޓް ޕާކުން ހުޅުމާލެ ފޭސް 1 ރޫޓް، އާރު 3 – ވެސްޓް ޕާކުން އެއާޕޯޓު ރޫޓް، އާރު 7- ވެސްޓް ޕާކުން ހުޅުމާލެ ފޭސް 2 ރޫޓު އަދި އާރު 15- ވެސްޓްޕާކުން އޮރެންޖް ހިޔާ ރޫޓް އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ރޫޓުތައް މާލޭގައި މަޑު ކުރާނެ އެންމެ ފަހު ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
އާރު 10- އޯކިޑް ރޫޓަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށާއި އެގޮތުން މި ރޫޓުގެ ދަތުރުތައް ފައްޓާ އަދި ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕް އިން ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މި ރޫޓުގެ ދަރުމަވަންތަ ހޮސްޕިޓަލް ސްޓޮޕާއި، ސޯޝަލް ސެންޓާ ސްޓޮޕްގެ އިތުރުން އައިޖީއެމްއެޗް ސްޓޮޕް ވަގުތީގޮތުން މެދު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތުދެއެވެ.
މި ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށްއެދޭ ކަމަށާއި މި ކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީއިން އެދެއެވެ.
އަމީނީމަގުގެ ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު ވެސް ކުރިއަށް ގެންދިޔަ ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.

