
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް، ކުރީގެ އެމްޑީޕީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ ފެންވަރު ދަށްކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރުގެ ތަރައްގީގެ ފެންވަރު މާލޭގެ ބޭރު މަގުން ވަޒަންކުރެވޭނެކަމަށް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބާރަށު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ފާހަގަކުރެއްވީ، އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ އެ މަސައްކަތް އޭރު ހަވާލުކުރީ އިންޑިއާގެ މެނުއަލް މެޝިނެއް ބޭނުންކޮށްގެން ތާރުއެޅޭނެކަމުގެ ޔަގީންކަން އޭރުގެ އާރްޑީސީގެ އިސްވެރިންނަށް އޮތުމުން ކަމަށެވެ. އަދި މި ސަރުކާރުން އެ މަސައްކަތް އަވަހަށް ނިންމާލަން ފުރުސަތު ދިނީ އާންމުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މަގު ހުޅުވާލުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ފެންވަރު ވަރަށް މަތިވާނެކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، އެމްޓީސީސީން ތަރައްގީކޮށްފައިވާ މާލޭގެ ބޭރުމަގުގައި ދުއްވާލުމުން އެކަން ސާފުވާނެ ކަމަށެވެ. އަދި އަމީނީ މަގުގެ ކޮލިޓީއަކީ އެމްޑީޕީގެ ފެންވަރުކަން ސިފަކުރައްވަމުން، އިދިކޮޅު ފަރާތްތަކުން ވެސް މިހާރުގެ ސަރުކާރުގެ މަސައްކަތްތަކުގެ ފުރިހަމަކަން ބަލައިލުމަށް އެދިވަޑައިގަތެވެ.
ކުރީ ސަރުކާރުން ހެދި އަމީނީ މަގުގެ ތާރުގަނޑު ކަނޑައިގެން ގޮސް، އުސްގަނޑުތައް ހެދުމުގެ ސަބަބުން ދުއްވާ ފަރާތްތަކަށް ވަރަށް ބޮޑެތި ތަކުލީފުތަކަކާ ވަނީ ކުރިމަތިވެފައެވެ. މި މައްސަލަތައް ހައްލުކޮށް، މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ރޭ ވަނީ ފަށާފައެވެ.
ދައުލަތުގެ މާލިއްޔާއިން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް އާރްޑީސީއާ ހަވާލުކުރީ 2022ވަނަ އަހަރުގެ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ މަޝްރޫއު އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުގެންދެވި، އެތައް ފަހަރަކު މުއްދަތު ފަސްކުރުމަށް ފަހު މުޅި މަސައްކަތް އެއްކޮށް ނިންމާލެވިފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

